އައްޑޫ ފްލައިން ސްކޫލް ދަރިވަރުން ވަނީ އެ ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް މެނޭޖުމެންޓާއި މީޑިއާ ތަކާއި ހިއްސާކޮށްފައިއެވެ.
އޭޝިއަން އެކަޑަމީ އޮފް އެއިރޮނޮޓިކްސް އަށް ދަރިވަރުންގެ ފަރާތުން ފޮނުވި ސިޓީގަައި ވަނީ ތަނުގެ މެނޭޖުމެންޓުގެ މައްސަލަތަކާއި ހިނގުމުގެ ދޯހަޅިކަމުގެ ވާހަކަތައް ހިއްސާ ކޮށްފައިއެވެ.
މި ސިޓީގެ އިތުރުން ދަރިވަރުން ވަނީ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި އެކު ޕެޓިޝަނެއްވެސް ހުށަހަޅާފައިއެވެ.

މެނޭޖްމަންޓުން ކޯސް ނިންމަން ދަރިވަރުންނަށް 18 މަހުގެ މުއްދަތެއް ދީފައި ވީނަމަވެސް ދަރިވަރުން ކޯސް ފުރިހަމަ ކުރަން ބޭނުންވާ ތަމްރީނުތައް ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ދަރިވަަރަކަށް މިމުއްދަތުގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ.
މި ހާލަތާއި ގުޅިގެން ދަރިވަރުން ޝަކުވާ ކުރާތާ ވަރަށް ދުވަސްް ވެއްޖެއެވެ. ތަނުގައި ތިބި ކުދިންްގެ އަދަދާައި ބަލާއިރު ތަމްރީނުތަކަށް ބޭނުންވާވަރާއި ގާތްކުރާވަރަށްވެސް "ޓްރެއިނިން އެއާރ ކްރާފްޓް" ނެތް ކަމުގެ ޝަކުވާ ދަރިވަރުން އައީ އަބަދުވެސް ކުރަމުންނެވެ.
މަލްޓި-އިންޖީން ތަމްރީނުތަކަށް ހުރިހާ ދަރިވަރުން ބޭނުންކުރަން މުޅި އެކަޑަމީގައި ވެސް އޮތީ އެންމެ މަލްޓި-އިންޖީން ފްލައިޓެެކެވެ.
ތަމްރީނުތަކަށް ބޭނުން ކުރަމުން އައި ދެވަނަ ފްލައިޓު ސެސްނާ 172 RG ވެއްޓި ބޮޑެތި ގެއްލުންތަކެއްވެ ބޭނުން ނުކުރެވޭވަރު ވަނީ ވެފައިއެވެ. އޭގެ ފަހުން މިއަދާއި ހަމަޔަށްވެސް އޭގެ ބަދަލުގައި ބޭނުން ކުރާނެ އިތުރު ބޯޓެއް އެކަޑަމީއިން ގެނެސްފައި ނުވެއެވެ. އެހެންނަމަވެސް އެ ހާދިސާ ހިނގުމަށްފަހު ބައެއް ކޯސްތަކުގެ އަގުތައް ވަނީ ބޮޑު ކޮށްފައިއެވެ.
ކޮވިޑު-19 އަށް މެދުކެނޑުމަށް ފަހު ކިޔެވުން ފެށިއިރު އެކަޑަމީ ހުޅުވަނީ ހަފްތާއަކު ތިން ދުވަހުއެވެ. އޭގެ ސަަބަބުން ކޮންމެ ދަރިވަރަކަށް ތަމްރީނުތައް ހަދަން ފުރުސަތު ލިބެނީ ގާތްގަނޑަކަށް ކޮންމެ 15 ދުވަހަކުން އެއް ފަހަރުއެވެ. މަހެއްގެ މައްޗަށް ގިނަވެގެން ދެ ފަހަރެވެ.
އެކަޑަމީގައި ކިޔަވާ ގިނަ ދަރިވަރުން ކިޔަވަނީ ސްޓޫޑަންޓު ލޯނުގެ ދަށުންނެވެ. އެ ލޯނުން ކިޔެވުމަށް ހަރަދު ކުރެވޭނީ ކަނޑައެޅިފައި އޮންނަ ކޯހުގެ ވަކި މުއްދަތަަށެކަވެ. އޭގެ ބޭރުން ހިނގާ ހަރަދުތައް ދައްކަން ޖެހޭނީ ދަރިވަރުން އަމިއްލައަށެވެ.

ފާއިތުވި އަހަރު ތަކުގައި އާއްޑޫ ފްލައިން ސްކޫލުގެ މެނޭޖުމެންޓާއި ގުޅޭގޮތުން އެތަކެއް މައްސަލަތަކެއް ފެންމަތިވެ، އެތަކެއް ޝަކުވާތަކެއް ވަނީ ހުށަހެޅިފައިއެވެ. އެހެނަމަވެސް މިއިން އެއްވެސް މައްސަަލައަކަށް އެދެވޭ ހައްލެއްވަނީ ނުލިބިފައިވާއިރު އައްޑޫ ފްލައިން ސްކޫލް ދަރިވަރުންގެ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައިއެވެ.
އެ ސްކޫލުގެ ދަރިވަރުންނަށް ދިމާވެގެން އުޅޭ މައްސަލަތަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައްޑޫ ފްލައިން ސްކޫލުގެ ދަރުވަރިވަރުންނަށް ދިމާވެގެން އުޅޭ ދަރިތަކާ ގުޅިގެން މިނިސްޓަރުގެ އަރިހުން މައުލޫމާތު ސާފުކުރައްވާފައި ވާ ކަމަަށާއި އެ ދަރިވަރުންނަށް ދިމާވެގެން އުޅޭ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫ ފްލައިންގް ސްކޫލާ ގުޅިގެން
ދަރިވަރުންގެ ކަންބޮޑުވުން ތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގައިވެސް އެކަން ބަލައިދިނުމަށް އެދިވަދައިގެންފައި ވާނެ ކަމަށެވެ.
Comments