Search
  • Avaitors Maldives

އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރަން ކުރަންޖެހެނީ ކޮންކަމެއް؟

އައްޑޫ އެއާރޕޯޓު ތަރައްގީ ކުރުމަށް 17 މިލިއަން ޑޮލަރު ނުވަތަ 262 މިލިއަން ރުފިޔާ އިންވެސްޓު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އިގްތިސޯދީ ވަޒީރު ފައްޔާޒު ވަނީ ދާދިފަހުން ވިދާޅުވެފައިއެވެ.


ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ ޑީސެންޓްރަލައިޒް ކޮށް ރާއްޖެ ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒަށް ވާއިރު އެކަން އެންމެ ފުރިހަމައަށް ކުރަން އައްޑޫ ތަރައްގީ ކުރުމުގެ ވިސްނުމާއި ޕްލޭން ސަރުކާރުން އަބަދުވެސް ގެންގުޅުއްވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި އައްޑޫއަށް ފްލައިޓުތައް އިތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާނުލައި އައްޑޫ އެއާރޕޯޓު ތަރައްގީ ނުކުރެވޭނެއެވެ. ސަރުކާރުން އައްޑޫ އެއާރޕޯޓުގެ ތަރައްގީއަށް އިންވެސްޓު ކުރަން ނިންމި ސަބަބަކީ ދެންނެވުނު ހުރަސްތައް ނައްތާލައި ފްލައިޓުތައް އިތުރު ކުރުމެވެ.


މި އިންވެސްޓުމަންޓަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ނަގާ ލޯނެއް ކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެ އިންވެސްޓްމަންޓާއި އެކު އާއްޑޫ އެއާރޕޯޓާއި އައްޑޫ އަށް ބޮޑެތި އިގްތިސޯދީ ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

އައްޑޫ ގަމު އެއާރޕޯޓަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިންޓަރނޭޝަނަލް އެއާރޕޯޓެވެ. އެއީ އެންމެ ދުވަސްވީ، ހިންގާތާ އެންމެ ޒަމާންވީ އެއާރޕޯޓެވެ. އެހެނަސް އިނގިރޭސިން ދިޔަފަހުން މިއަދާއި ހަމަޔަށްވެސް އެތަނުގެ ކުރިއެރުން ވަނީ މަޑުޖެހި ހުއްޓިފައިއެވެ. އެކި ސަރުކާރުތަކުން އެކި ވައުދުތައްވެ އެކިއެކި ކަންތައް ކުރަން އުޅެފައިވެއެވެ. އެހެނަސް އެތަނަށް މާބޮޑު ބަދަލެއް މާބޮޑު ތަރައްގީއެއް އައިސްފައި ނުވެއެވެ.


މަތިންދާ ބޯޓު ތަކުގެ މަގުތަކަށް ބަަލައިލާއިރު މިހާރު ކަންތައް ތަރުތީބުވެފައި އޮންނަގޮތުން އެއާރލައިން ތަކުން މީހުން ރާއްޖެ ގެނައުމުގައި ދާ ހަމައެކަނި މަންޒިލަކީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓެވެ. އެތަނުން އެހެން އަތޮޅު ތަކާާއި ރަށްތައް އަދި ރިސޯޓު ތަކަށް މީހުންނާއި ފަތުރުވެރިން ގެންދަނީ ޑޮމެސްޓިކް ފްލައިޓުތަކާއި ސީ - ޕްލޭން ތަކުންނެވެ. އެންމެ ދެކުނުގެ ރަށްތަކާއި ރިސޯޓުތަކަށް ދާމީހުންވެސް ދަނީ މިމަގުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން

ދަތުރުފަތުރު ގިނަ މޫސުމުގައި ފްލައިޓުތަކާއި އައިސްދާ މީހުން ގިނަވެ VIA އެއާރޕޯޓަށް ވެސް ވަރަށް ބާރު ބޮޑުވެގެން ދެއެވެ.


އައްޑޫ ގަމުގެ އެއާރޕޯޓަކީ ފަތުރުވެރިން އުފުލާ އެއާރލައިން ތަކުގެ މަންޒިލަކަށް ނުވަނީ ކީއްވެ ހެއްޔެވެ؟ އައްޑޫ އެއާރޕޯޓަކީ އެފަދަ މަންޒިލަކަށް ހަދަން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ކޮބައި ހެއްޔެވެ؟

އައްޑޫ އެއާރޕޯޓު އެފަދަ މަންޒިލަކަށް ނުވާ އެންމެ ބޮޑު އެއް ސަބަބަކީ އައްޑޫ އެއާރޕޯޓު އިންޓަރނޭޝަނަލް ވިޔަސް އެތަނުން ދެކުނުގެ އެހެން ރަށްތަކަށް ދާނެ ނުވަތަ ދެވޭނެ ފަސޭހަ މަގުތަކެއް ނެތުމެވެ. ނަތީޖާއެއްގެ ގޮތުން ސީދާ އައްޑޫއަށް ދާމީހުން ފިޔަވައި އެހެން ބަޔަކަށް އައްޑޫ މަގުން ދިޔުމުގެ މާބޮޑު ފުރުސަތެއް މާބޮޑު

ބޭނުމެއް ނޯވެއެވެ.

ވީމާ އައްޑޫ އެއާރޕޯޓު ތަރައްގީކޮށް އެތަނުގެ ބޭނުން ބޮޑު ކުރަން ބޭނުންވާނަމަ ކުރަން ޖެހޭ ކަމަކީ އައްޑޫ އެއާރޕޯޓާއި ސަރަހައްދުގެ އެހެން އެއާރޕޯޓުތައް އަދި ރިސޯޓުތައް "ގުޅުވުމެވެ". އައްޑޫ ގަން އެއާރޕޯޓުން ސަރަހައްދުގެ އެހެން އެއާރޕޯޓު ތަކާއި ރިސޯޓު ތަކަށް ފަސޭހައިން ދެވޭނެ މަގާއި ގޮތްތަށް ހަމަޖެއްސުމެވެ. މިކަންކަން މިގޮތަށް ތަރުތީބު ކުރެވިއްޖެނަމަ މިހާރު ވެލާނާ އެއާރޕޯޓަށް އައިސް ދެކުނުގެ ރިސޯޓުތަކަށްދާ ފަތުރުވެރިންނަށް ސީދާ އައްޑޫއަށް އައިސް ދެކުނުގެ ރިސޯޓުތަކާއި ރަށްތަކަށް ފަސޭހަ ކަމާއިއެކު ދެވޭނެއެވެ.


މީހެން މިކަން ކުރެވޭގޮތް ހަމަޖެހުމަކީ ފަތުރުވެރިންނަށްވެސް ލިބޭނެ ބޮޑު ލުއިއެކެވެ. ސަބަބަކީ އައްޑޫ މަގުން ދެކުނުގެ މަންޒިލް ތަކަށް ދާނަމަ މާލެ މަގުން ދިޔުމަށްވުރެ ގާތްގަނޑަކަށް ދެގުނަ އަވަސްވެފައި އަގުވެސް ހެޔޮވާނެތީއެވެ. މީގެ އިތުރުން އައްޑޫ މަގުން ދާ ފްލައިޓުތައް އިތުރުވީމައި މާލޭ އެއާރޕޯޓަށް ވެސް ވަރަށް ބޮޑަށް ލުއި ވެގެން ދާނެއެވެ. އަދި ހަމައެހެންމެ ދެންނެވުނުހެން ވަގުތު ސަލާމަތްވެވި އަގު ކުޑަކުރެވޭނަމަ އަންނަ ފަތުރުވެރިން އިތުރުވެ ދެކުނުގެ މަންޒިލް ތަކުގެ ފަތުރުވެރިކަންވެސް ކުރިއަރައިގެން ދާނެއެވެ.


މިކަންތައް ހަމަޖެއްސުމަށް ފަހު އެއާރލައިންތައް އައްޑޫއަށް ގެނައުމަށް ގަން އެއާރޕޯޓުގެ އަގުތަށް މިހާރަށްވުރެ އަދި VIA އަށްވުރެ ކުޑަވެސް ކުރެވިދާނެއެވެ. ދާނެ އެހެން މަންޒިލްތައް ހަމަޖެއްސުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އަގުތަކާއި ފީތައްް މިހާރަށްވުރެ ބޮޑު ކުރުމަކީވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ. އޭރުން VIA އަށް ފްލައިޓުތައް މަދުވިޔަސް އާމްދަނީ މަދުނުކޮށް ހިފެހެއްޓޭނެވެ.


ސްރިލަންކަން އެއާރ ލައިން އިން ކޮލަމްބޯއިން އައްޑޫ ގަމަށް ދަތުރުކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެނަސް ޑިމާންޑު ދަށްކަމުގެ ޝަކުވާ މިހާރުވެސް އަންނަނީ ކުރަމުންނެވެ. މީގެ އެންމެ ބޮޑު ސަބަބަކީވެސް ކުރިން ދެންނެވުނުހެން އައްޑޫ އާއި ސަރަހައްދުގެ އެހެން ތަންތަނާއި ގުޅިފައި ނެތުމެވެ. ސަރަހަދުގެ ރޫޓުތައް އިތުރުކުރެވޭތޯ ސްރީލަންކަން އިން މިހާރުވެސް ދަނީ މޯލްޑިވިއަން އާއި މަންތާ އެއާރ އާއި ވާހަކަ ދައްކައި މަޝްވަރާ ކުރަމުންނެވެ.

ވީމާ ކިތަންމެ ބޮޑު އިންވެސްޓެއްކޮށް ހަމައެކަނި "އިންފްރާ ސްޓަރކްޔާ" ވަރުގަދަ ކުރިއަސް އައްޑޫ އެއާރޕޯޓު ކުރިއަރައިގެނެއް ނުދާނެއެވެ. އައްޑޫ އެއާރޕޯޓު ތަރައްގީ ކުރެވޭނީ އެ އެއާރޕޯޓުގެ ޑިމާންޑު ނުވަތަ ބޭނުން ބޮޑު ކުރެވިގެންނެވެ. އެކަން އެގޮތަށް ކުރަން އެންމެ މުހިއްމީ އައްޑޫ އާއި ސަރަހައްދުގެ އެހެން އެއާރޕޯޓުތަކާއި ގުޅުވައިލުމެވެ.

އައްޑޫ އާއި އެތަންތަނުގެ މެދުގައި ޝެޑިއުލް ދަތުރުތައް ފަށައި ގިނަކުރުމެވެ. ސަރުކާރުން އައްޑޫ އެއާރޕޯޓު ތަރައްގީއަށް އިންވެސްޓު ކުރާއިރު މިކަމަށް އަހަމިއްޔަތުކަން ދީގެން އެކަން ކޮށް، މި ހުރަސްތައް ނައްތާލެވިއްޖެ ނަމަ އެ އިންވެސްޓުމަންޓުގެ ފައިދާ ކުރާނެއެވެ. މިނިސްޓަރ ފައްޔާޒު ވެސް ވިދާޅުވި ފަދައިން އޭގެ ފައިދާ މުޅި އައްޑޫ އާއި އެސަރަހައްދަށް ކުރާނެއެވެ.

150 views0 comments

©2019  Aviators Maldives